ސިއްހީ ސަބަބުތަކާ ހުރެ އޮފީހަށް ހާޒިރުނުވެ މަސައްކަތްކުރެވޭ ގޮތަށް ސިވިލް ސާވިސް ގަވާއިދަށް ބަދަލުތަކެއް ގެނެސްފި

ސަރުކާރުގެ އިދާރާތަކުގައި މަސައްކަތްކުރާ ސިވިލް ސާވަންޓުންގެ ތެރެއިން ސިއްހީ ހާލަތު ހުރިގޮތުން ނުވަތަ ހާއްސަ ހާލަތެއް ދިމާވެގެން އޮފީހަށް ހާޒިރުނުވެ މަސައްކަތްކުރަން ބޭނުންވާ މުވައްޒަފުންނަށް، ގޭގައި ތިބެގެން މަސައްކަތްކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ސިވިލް ސާވިސްގެ ގަވާއިދަށް މުހިންމު ބަދަލުތަކެއް ގެނެސްފިއެވެ. ކުރިން މި ފުރުސަތު ހަނިކޮށް އޮތް ނަމަވެސް، މިހާރު ޑޮކްޓަރެއްގެ ލިޔުމެއް ހުށަހަޅައިގެން އެ އިދާރާއެއްގެ ޕާމަނަންޓް ސެކްރެޓަރީގެ ހުއްދައާއެކު ގޭގައި ތިބެގެން މަސައްކަތްކުރުމުގެ މަގު ވަނީ ފަހިކޮށްދީފައެވެ.
މި ބަދަލުތަކާއެކު، އޮފީހަށް ހާޒިރުނުވެ މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތްތައް ސުޕަވައިޒްކޮށް، ދޭންޖެހޭ ހިދުމަތްތަކަށް ހުރަސް ނޭޅޭނެކަން ކަށަވަރުކުރުމުގެ ޒިންމާ އިދާރާތަކުގެ އިސްވެރިންނަށް ވަނީ މަތިކޮށްފައެވެ. އެގޮތުން، މަސައްކަތްތަކުގެ ސިއްރު ހިފެހެއްޓުމުގެ އިގުރާރުގައި ސޮއިކުރުމާއި، ގޭގައި ހުރެގެން އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކުރެވޭނެ މާހައުލެއް ހުރިތޯ ބެލުމަކީ ލާޒިމު ކަންކަމެވެ. ނަމަވެސް، ޓީޗަރުންނާއި، ނަރުހުން އަދި މެނޭޖްމަންޓް ލެވެލްގެ މަގާމުތަކުގައި ތިބޭ މުވައްޒަފުންނަށް މި ހުއްދަ ދިނުން ސިވިލް ސާވިސް ކޮމިޝަނުން ވަނީ މަނާކޮށްފައެވެ.
މި އުސޫލުގެ ދަށުން ހުއްދަ ދީފައި ތިއްބަސް، މަސައްކަތުގެ ފެންވަރު ދަށްވާނަމަ ނުވަތަ އޮފީހަށް ހާޒިރުވެގެން މަސައްކަތް ކުރަންޖެހޭ ހާލަތެއް މެދުވެރިވެއްޖެނަމަ، އެ ހުއްދަ ބާތިލުކުރުމުގެ ބާރު ކޮމިޝަނަށް ލިބިގެންވެއެވެ. ސަރުކާރުގެ މުވައްޒަފުންނަށް ލުއިފަސޭހަތައް ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ގެނައި މި ބަދަލުތަކަކީ، ސިވިލް ސާވިސްގެ ހިންގުން ހަރުދަނާކޮށް، މުވައްޒަފުންގެ މަސައްކަތުގެ މާހައުލު އިތުރަށް ފަހިކުރުމަށް އެޅުނު ފިޔަވަޅެއްކަމަށް ބެލެވެއެވެ.
ޚިޔާލު
ޚިޔާލުތައް
ލޯޑުވަނީ...