ޔޫރަޕުން ބޭސް ގެންނާނެ ކަމަށް ވިދާޅުވިޔަސް، އަދިވެސް ކަނީ ހަމަ އެ އިންޑިއާގެ ބޭސް: ތަޒްމީލް

ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން، އެމްޓީޑީސީގެ ކުރީގެ އެމްޑީ ތަޒްމީލް އަބްދުއްސަމަދު ވިދާޅުވީ މި ސަރުކާރަކީ ހަމައެކަނި "ހެޑްލައިން" ހެދުމަށް މަސައްކަތްކުރާ ސަރުކާރެއް ކަމަށެވެ. ޚާއްސަކޮށް ރާއްޖޭގެ ސިއްހީ ނިޒާމު ފެއިލްވެފައިވާކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ޔޫރަޕުން ބޭސް ގެންނާނެ ކަމަށް ވައުދުވެވަޑައިގެންނެވި ނަމަވެސް، މިއަދުވެސް ރައްޔިތުން ބޭނުންކުރަމުންދަނީ ކުރިން ވެސް ގެންނަމުން ދިޔަ އިންޑިއާގެ ބޭސް ކަމަށެވެ. އެއްވެސް އިލްމީ ދިރާސާއެއް ނެތި، ދަރުމަވަންތަ ހޮސްޕިޓަލްގެ ނަން ބަދަލުކުރުން ފަދަ ކަންކަން ކުރަނީ ހަމައެކަނި ރައްޔިތުންނަށް އޮޅުވާލުމަށް ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.
ރާއްޖޭގެ ސިއްހީ ނިޒާމު މިހާރު އޮތް ހާލަތާމެދު ކަންބޮޑުވުން ފާޅުކުރައްވައި ތަޒްމީލް ވިދާޅުވީ، ކިތަންމެ ބޮޑެތި ކުންފުނިތައް އުފައްދައި، އެތަންތަނަށް އެމްޑީންނާއި މުވައްޒަފުން އައްޔަން ކުރި ނަމަވެސް، ހަގީގަތަކީ ރައްޔިތުންނަށް ބޭސް ނުލިބޭކަމެވެ. ރައްޔިތުންގެ މެދުގައި ބޭސް ނުލިބުމުގެ ޝަކުވާ ވަރަށް ބޮޑުވެފައިވާކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، މި ސަރުކާރަކީ ކަންކަން އިސްލާހު ކުރަން އައިސް، ކުރިއަށްވުރެ ގައުމުގެ ހާލަތު ދަށްކޮށްލާފައިވާ ސަރުކާރެއް ކަމަށެވެ.
މިކަމާ ގުޅިގެން ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވެސް ވަނީ ސަރުކާރުގެ ހަރުކަށި ސިޔާސަތުތަކާއި ކުއްލި ނިންމުންތަކުގެ ސަބަބުން ގައުމުގެ ނިޒާމުތައް ހަލާކުވަމުންދާ ކަމަށް ވިދާޅުވެފައެވެ. ޚާއްސަކޮށް ދުންފަތުގެ ޑިއުޓީއަށް ގެނައި ބަދަލުތަކުގެ ސަބަބުން ދުންފަތުގެ ކަޅު ބާޒާރެއް އުފެދިފައިވާކަން ފާހަގަކުރައްވައި، މިއީ ދުރު ރާސްތާގެ ޕްލޭނެއް ނެތި ކުރާ ކަންކަމުގެ ނަތީޖާ ކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
ޚިޔާލު
ޚިޔާލުތައް
ލޯޑުވަނީ...