ހޯޕް އައިލެންޑް މަޝްރޫއު ހުއްޓިފައި އޮތުމުން ސަރުކާރަށް ފައިސަލްގެ ފާޑުކިޔުން

ކުށުގެ ވެށިން ކުޑަކުދިންނާއި ޒުވާނުން ސަލާމަތްކޮށް، އެކުދިންނަށް އުފެއްދުންތެރި މުސްތަޤްބަލެއް ހޯދައިދިނުމަށް މިދިޔަ ސަރުކާރުން ފެށި "ހޯޕް އައިލެންޑް" މަޝްރޫއު މި ސަރުކާރުން ހުއްޓުވާފައި އޮތުމުން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައިސަލް ވިދާޅުވީ، މުޖުތަމައުގެ ގިނަ މައްސަލަތަކަކަށް ހައްލު ހޯދައިދޭން ރޭވި މި މުހިންމު މަޝްރޫއު ލަސްވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، މިހާރު މިކަން ކުރުމަށް ވަރަށް ބޮޑަށް ލަސްވެފައިވާ ކަމަށެވެ.
މި މަޝްރޫއު ހިންގުމަށް ކުރިން ކަނޑައެޅި ލ. ކަލައިދޫން، މި ސަރުކާރުން ފުރަތަމަ ދ. ވާނީއަށް ބަދަލުކުރުމަށްފަހު، މާޗު 21، 2025 ގައި ރައީސް ނެރުއްވި ގަރާރަކުން ވަނީ އެ މަޝްރޫއު އުތުރު ތިލަފަޅަށް ބަދަލުކޮށްފައެވެ. ވާނީގައި މި މަޝްރޫއުގެ ކުރެހުންތައް ވެސް ނިންމާފައިވަނިކޮށް، މަޝްރޫއު އުތުރު ތިލަފަޅަށް ބަދަލުކުރަން ނިންމި ނިންމުމަކީ ސަރުކާރުގެ ސިޔާސަތުތައް އޮޅުންބޮޅުންވެފައިވާ ކަމުގެ ހެއްކެއްކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
މި މަޝްރޫއަށް އިންވެސްޓަރުން ހޯދުމަށް ސަރުކާރުން އިއުލާނު ކުރި ނަމަވެސް، މިއަދާ ހަމައަށް ވެސް އެ މަޝްރޫއު ކުރިއަށް ގެންދާނެ އިންވެސްޓަރަކު ހަމަޖެހުނުކަމެއް ނުވަތަ ނޫންކަމެއް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ. ޒުވާނުން ބާރުވެރިކުރުވުމުގެ ނަމުގައި ވެރިކަމަށް އައި ސަރުކާރުން، ކުޑަކުދިންނަށް އުއްމީދު ގެނެސްދޭން އޮތް މިފަދަ ބޮޑު މަޝްރޫއަކާމެދު އިހުމާލުވަމުންދާތީ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ.
ޚިޔާލު
ޚިޔާލުތައް
ލޯޑުވަނީ...