ކަށަވަރު - ހަމަ އެކަނި ސިޔާސީ ޚަބަރުތަކަށް

ޚާމަނާއީގެ ޖަނާޒާގައި ބައިވެރިވާން ދައުވަތު ގަބޫލުކުރި ނަމަވެސް، ދިވެހި ސަރުކާރުގެ މަންދޫބަކު ބައިވެރިނުވިކަން ކަށަވަރުވެއްޖެ

ޝަފްރާޒް ނައީމް
hamanai

އީރާނުގެ އެންމެ މަތީވެރިޔާ އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލުމާ ގުޅިގެން ބޭއްވި ޖަނާޒާގެ ރަސްމިއްޔާތުގައި ބައިވެރިވުމަށް ދިވެހި ސަރުކާރަށް ލިބުނު ދައުވަތު ގަބޫލުކުރި ނަމަވެސް، އެ ރަސްމިއްޔާތުގައި ރާއްޖޭގެ އެއްވެސް މަންދޫބަކު ބައިވެރިވެފައި ނުވާކަން ކަށަވަރުވެއްޖެ އެވެ. މައުލޫމާތު ލިބޭ ގޮތުގައި، ދުނިޔޭގެ އެތައް ގައުމެއްގެ އިސްވެރިންނާއި މިލިއަނުން ގިނަ އާންމުން ބައިވެރިވި މި ބޮޑު ރަސްމިއްޔާތަށް ދާން ރާއްޖެއިން ދައުވަތު ގަބޫލުކުރިކަން އީރާނު ސަރުކާރަށް އޮތީ އަންގާފަ އެވެ. އެހެންނަމަވެސް، ސަރުކާރުން ބުނެފައިވާ ގޮތުގައި ގަލްފް ސަރަހައްދުގައި ހުންނެވި އެމްބަސީއެއްގެ ބޭފުޅަކު ބައިވެރިވާނެ ކަމަށް މީގެ ކުރިން ބުނި ނަމަވެސް، އަމަލީ ގޮތުން އެއްވެސް މަންދޫބަކު އެ ރަސްމިއްޔާތަށް ފޮނުވާފައެއް ނުވެ އެވެ.

މިކަމާ ގުޅޭގޮތުން ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު) އާ ސުވާލުކުރުމުން، ދައުވަތު ލިބުނުކަމާއި އެ ދައުވަތު ގަބޫލުކުރިކަން ކަށަވަރުކޮށްދެއްވި އެވެ. ނަމަވެސް، ހަތަރު އެމްބަސީ ހުންނަ ސަރަހައްދަކުން ކޮން ބޭފުޅަކު ބައިވެރިވާނެތޯ ސުވާލު ކުރުމުން ސާފު ޖަވާބެއް ދެއްވުމުގެ ބަދަލުގައި، އެ ސަރަހައްދުގައި ހުންނެވި ބޭފުޅަކު ބައިވެރިވާނެ ކަމަށް ވިދާޅުވުން ފިޔަވައި އިތުރު ތަފްސީލެއް ދެއްވާފައެއް ނުވެ އެވެ. އިސްލާމީ ގައުމެއްގެ އެންމެ މަތީވެރިޔަކު އަވަހާރަވުމުން އަމަލުކުރާ އުސޫލުން ތައުޒިޔާ ފޮނުވުމާއި، މިފަދަ މުހިންމު ރަސްމިއްޔާތެއްގައި ސަރުކާރުން އިހުމާލުވުމަކީ ބޭރުގެ ނުފޫޒެއް އޮތުމުން ވީ ކަމެއް ކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރެ އެވެ.

މި ޖަނާޒާގައި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފްގެ އިތުރުން ތުރުކުމެނިސްތާނު، އިރާގު، އަދި އަރުމީނިއާ ފަދަ ގައުމުތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންފައިވާއިރު، ރާއްޖެއިން އެއްވެސް ފެންވަރެއްގެ މަންދޫބަކު ނުފޮނުވުމަކީ ސަރުކާރުގެ ހާރިޖީ ސިޔާސަތާ މެދު ސުވާލު އުފެދޭ ކަމެކެވެ. އީރާނުގެ ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި 100 އަށް ވުރެ ގިނަ ގައުމުގެ މަންދޫބުން މި ހިތާމަވެރި ރަސްމިއްޔާތުގައި ބައިވެރިވެފައިވެ އެވެ.

ޚިޔާލު

ޚިޔާލުތައް

ލޯޑުވަނީ...