މާލޭގެ ޓްރެފިކް މައްސަލަތައް ހައްލުކުރަން ސަރުކާރުން އާ އިދާރާއެއް އުފައްދައިފި
މާލެ ސަރަހައްދުގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށާއި، ދަތުރުފަތުރުގެ ނިޒާމު ޒަމާނީކޮށް ޕާކިންގް ވަސީލަތްތައް ތަރައްޤީކުރުމަށްޓަކައި "ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް" ގެ ނަމުގައި ސަރުކާރުގެ ވަކި އިދާރާއެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އުފައްދަވައިފިއެވެ. ޤާނޫނުއަސާސީގެ 116 ވަނަ މާއްދާގެ ދަށުން ރައީސަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން އުފެއްދެވި މި އޮފީސް ހިންގާނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ބެލުމުގެ ދަށުންނެވެ.
މި އޮފީހުގެ މައިގަނޑު މަސްއޫލިއްޔަތަކީ މާލެ ސަރަހައްދުގައި ދުއްވާ އުޅަނދުތައް އިތުރުވުމުގެ ސަބަބުން ކުރިމަތިވެފައިވާ ތޮއްޖެހުމުގެ މައްސަލަތަކަށް ސިޔާސަތުތައް އެކުލަވައިލައި، ކަމާބެހޭ އިދާރާތަކާ ގުޅިގެން އެކަންކަން ތަންފީޒުކުރުމެވެ. ގަވަރނިންގ ބޯޑެއްގެ ލަފާގެ މަތިން ހިންގުމަށް ހަމަޖެހިފައިވާ މި އޮފީހުން، ދަތުރުފަތުރުގެ ނިޒާމު ޒަމާނީކުރުމާއި ޕާކިންގްގެ މައްސަލަތަކަށް ޙައްލު ހޯދައިދޭން ބޭނުންވާ ފަންނީ އަދި އިދާރީ މަސައްކަތްތައް ކުރާނެއެވެ.
ސަރުކާރުން މިފަދަ އާ އިދާރާއެއް އުފެއްދިއިރު، ދައުލަތުގެ ޚަރަދުތައް މިދިޔަ އަހަރާ އަޅައިބަލާއިރު 21.7 އިންސައްތަ އިތުރުވެފައިވާކަން ފާހަގަކުރެވެއެވެ. މީގެ މައިގަނޑު ސަބަބަކީ ސިޔާސީ މަގާމުތައް އިތުރުވުމާއެކު މުސާރައާއި އިނާޔަތްތަކަށް ކުރާ ހޭދަ ބޮޑުވުމާއި، ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު އުފުލުމާ ގުޅިގެން ސަބްސިޑީއަށް ކުރާ ޚަރަދު ބޮޑުވުމެވެ.
ޚިޔާލު
ޚިޔާލުތައް
ލޯޑުވަނީ...