ކަށަވަރު - ހަމަ އެކަނި ސިޔާސީ ޚަބަރުތަކަށް

ބިންވެރިޔާ ސްކީމުގެ ގޯތިތަކުގައި ވިޔަފާރިކުރެވޭނެ: ސަރުކާރު

ޝަފްރާޒް ނައީމް
muhthalibu

އެމްޑީޕީގެ ސަރުކާރުން ހިންގި "ބިންވެރިޔާ" ސްކީމުގެ ދަށުން ހުޅުމާލެ ފޭސް 2 އިން ދޫކޮށްފައިވާ ގޯތިތަކަކީ ހަމައެކަނި ދިރިއުޅުމަށް ހާއްސަކޮށްފައިވާ ތަންތަނަށްވީ ނަމަވެސް، އެ ބިންތަކުގައި ވިޔަފާރީގެ ބޭނުންތަކަށް އިމާރާތްތައް ކުރުމުގެ ހުއްދަ ދިނުމަކީ މި ސަރުކާރުގެ ވިސްނުން ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު ވިދާޅުވެއްޖެ އެވެ. ހިޔާ ޓަވަރުތަކުގައި ލިފްޓް ހަރުކޮށް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް އެޗްޑީސީން ކަނޑައަޅާފައިވާ ބިންތައް މަދުވުމުން، އަމިއްލަ ފަރާތްތަކަށް ދޫކޮށްފައިވާ ގޯތިތަކުން އެ ފުރުސަތު ހޯދައިދޭން ޖެހޭ ކަމަށެވެ.

މިނިސްޓަރު މުއްތަލިބު ފާހަގަކުރެއްވި ގޮތުގައި، މިހާރު އެ ބިންތައް "ތަޅުއެޅިފައި" އޮތް އޮތުން ނިމުމަކަށް ގެނެސް، ޕްރީ ސްކޫލް، ކްލިނިކް އަދި ޝޮޕިން ކޮމްޕްލެކްސް ފަދަ ތަންތަން ގާއިމުކޮށްގެން އަމިއްލަ ފަރާތްތަކަށް ފައިދާ ހޯދޭނެ މަގު ތަނަވަސްކޮށްދިނުމަކީ ސަރުކާރުގެ އަމާޒެވެ. މާލޭގައި ވިޔަފާރި ބޭނުންތަކަށް ބިންތައް ބޭނުންކުރާ އުސޫލުން ހުޅުމާލޭގައި ވެސް އެ ފުރުސަތު ހުޅުވާލުމުން، ފޭސް 2 ގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ލިބުން ފަސޭހަވެ، އެ ސަރަހައްދުގެ ތަރައްގީއަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ ފޭސް 2 އިން 1،409 ގޯތި އަދި ފޭސް 3 އިން 699 ގޯތި ދޫކޮށްފައިވާއިރު، އޭގެ ތެރެއިން ގިނަ ބިންތައް މިހާރު ވަނީ ހަވާލުކޮށްފަ އެވެ. މި ބިންތަކުގައި އިމާރާތްކުރުމަށް އެހީތެރިވުމަށް ސަރުކާރުން "ހިޔާވެހި" ފައިނޭންސިން ސްކީމެއް ތައާރަފުކުރި ނަމަވެސް، އެ ސްކީމުގެ ޝަރުތުތަކުގެ ސަބަބުން ފައިދާ ލިބުނު ފަރާތްތައް މަދުކަން ފާހަގަކުރެވެ އެވެ. ކުރިއަށް އޮތް ތަނުގައި މި ބިންތައް ވިޔަފާރީގެ ބޭނުމަށް ބޭނުންކުރެވޭނެ ގޮތް ހެދުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއްކަން މިނިސްޓަރުގެ ވާހަކަފުޅުން ހާމަވެގެން ދިޔަ އެވެ.

ޚިޔާލު

ޚިޔާލުތައް

ލޯޑުވަނީ...