ކަށަވަރު - ހަމަ އެކަނި ސިޔާސީ ޚަބަރުތަކަށް

މުޒާހަރާތަކަށް ވަޑައިގަތުމުން ކުރީގެ ރައީސުންގެ ސެކިއުރިޓީ ކަނޑާލުން: ގާނޫނުއަސާސީއާ ހިލާފު ބިރުދެއްކުމެއް!

އަލީ އާސިމް
former_presidents

ރައީސުލްޖުމްހޫރިއްޔާގެ މަގާމު އަދާކޮށްފައިވާ ބޭފުޅުންނަށް ދައުލަތުން ފޯރުކޮށްދޭ ސަލާމަތީ ރައްކާތެރިކަމަކީ ގާނޫނުން ކަށަވަރުކޮށްދޭ އަސާސީ ހައްގަކަށްވާއިރު، ސިޔާސީ ހަރަކާތްތަކާއި މުޒާހަރާތަކުގައި ބައިވެރިވެވަޑައިގަތުމުން އެ ހިދުމަތް މެދުކަނޑާލުމަށް ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ނިންމި ނިންމުމަކީ ގާނޫނުއަސާސީއާ ހިލާފު، ބިރުދެއްކުމުގެ އަމަލެއްގެ ގޮތުގައި ސަލާމަތީ ދާއިރާގެ ބައެއް ފަރާތްތަކުން ސިފަކުރައެވެ.

މި ނިންމުމަކީ ސީދާ ވަކި ޝަހުސިއްޔަތުތަކަކަށް އަމާޒުކޮށް، އެ ބޭފުޅުންގެ ސިޔާސީ ހަރަކާތްތައް ހަނިކުރުމުގެ ނުބައި ނިޔަތުގައި ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ ގިނަ ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ.

ގާނޫނީ ހައްގުތަކަށް ހުރަސްއެޅުން

ގާނޫނުއަސާސީގެ 27 އަދި 32 ވަނަ މާއްދާއިން ކޮންމެ ދިވެހި ރައްޔިތަކަށްމެ ހިޔާލުފާޅުކުރުމާއި، އެއްވެއުޅުމާއި، މުޒާހަރާކުރުމުގެ އަސާސީ ހައްގު ކަށަވަރުކޮށްދެއެވެ. ކުރީގެ ރައީސުންނަކީ ވެސް ދިވެހި ރައްޔިތުންނަށް ވީހިނދު، އެ ބޭފުޅުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުން މަނާކޮށް، ސެކިއުރިޓީ ކަނޑާލުމަކީ ނުސީދާ ގޮތެއްގައި އެ ހައްގުތަކަށް ހުރަސްއަޅައި ބިރުދެއްކުން ކަމަށް ބެލެވިދާނެއެވެ.

ފުރާނަ ގަސްތުގައި ނުރައްކަލުގެ ތެރެއަށް ދޫކޮށްލުން

ކުރީގެ ރައީސުންނަކީ ގައުމީ ސިއްރުތައް އެނގިވަޑައިގަންނަވާ، އަދި މަގާމުގެ ހައިސިއްޔަތުން އެކި ފަރާތްތަކުގެ ނަފުރަތާއި ރުޅިވެރިކަން އަމާޒުވުމުގެ ފުރުސަތު ބޮޑު ބޭފުޅުންނެވެ. އެހެންކަމުން، މީހުން އެއްވެ އުޅޭ މުޒާހަރާ ފަދަ ނުރައްކާ ބޮޑު މައިދާންތަކަކީ އެ ބޭފުޅުންނަށް ސެކިއުރިޓީ އެންމެ ބޮޑަށް ބޭނުންވާނެ ވަގުތެވެ. އެފަދަ ދަނޑިވަޅެއްގައި ސެކިއުރިޓީ މެދުކަނޑާލުމަކީ އެ ބޭފުޅުންގެ ފުރާނަ ގަސްތުގައި ނުރައްކަލުގެ ތެރެއަށް ދޫކޮށްލުން ކަމަށް ސެކިއުރިޓީ ދާއިރާގެ ބައެއް ފަރާތްތަކުން ފާހަގަކުރެއެވެ.

މީގެ އިތުރުން، މިހާރު އޮތް އުސޫލުތަކުގެ ތެރެއިން ވެސް މިކަމަށް ހައްލުތައް ހުރިކަން މަސްދަރުތަކުން ހާމަކުރެއެވެ. އެގޮތުން، މުޒާހަރާއެއް ހޫނުވެ ސެކިއުރިޓީ ދޭ މީހާއަށް ނުރައްކަލެއް އޮތް ކަމަށް ހަށިފާރަވެރިންނަށް ގަބޫލުކުރެވިއްޖެ ނަމަ، އެ މައިދާން ދޫކޮށް ދިއުމަށް އެންގުމުގެ ބާރު ސެކިއުރިޓީންނަށް އޮވެއެވެ.

ކޮމިޓީގެ ނިންމުމަށް އޮތް ފާޑުކިޔުންތައް

މި ނިންމުމަކީ ސަރުކާރު ހިންގާ ޕީއެންސީގެ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކުން، ކޮމިޓީގައި ތިއްބެވި އެހެން ޕާޓީތަކުގެ މެންބަރުންގެ ހިޔާލާއި މަޝްވަރާއަށް ބެލުމެއް ނެތި ނިންމާފައިވާ ނިންމުމެކެވެ. އަދި މިކަމުގެ އަސްލު ޒިންމާ އޮތް އެމްއެންޑީއެފްގެ ބަހެއް ނުވަތަ ހިޔާލެއް ވެސް ހޯދާފައެއް ނުވެއެވެ.

ސިޔާސީ ދާއިރާގެ މާހިރުން ދެކޭގޮތުގައި، މިފަދަ ނިންމުމަކީ ޑިމޮކްރެޓިކް ހަމަތަކުން ފަހަތަށް އެޅުނު ފިޔަވަޅެކެވެ. ސިޔާސީ ހިޔާލުތަފާތުވުންތަކަށް ޖަވާބުދޭންޖެހޭނީ ސިޔާސީ މައިދާނުގައެވެ. ދައުލަތުގެ ސަލާމަތީ ބާރުތަކާއި ގާނޫނީ ރައްކާތެރިކަމުގެ ނިޒާމު ސިޔާސީ ހަތިޔާރަކަށް ހަދައިގެން ފިއްތުންތައް ކުރިމަތިކުރުމަކީ ގައުމުގެ ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެކެވެ.

ޚިޔާލު

ޚިޔާލުތައް

ލޯޑުވަނީ...