ހިޔާ ފްލެޓު ލިފްޓު މަޝްރޫއު ނިންމުން ފާހަގަކުރަން ބޭއްވި ރަސްމިއްޔާތު ކުއްލި ގޮތަކަށް ކެންސަލްކޮށްފި

ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމަނައިގެން ކުރިއަށް ގެންދިޔަ ހިޔާ ފްލެޓުތަކުގެ ލިފްޓު ހަރުކުރުމުގެ މަޝްރޫއު، ކަނޑައެޅި މުއްދަތަށްވުރެ އެތައް ދުވަހެއް ފަހުން ނިންމާލުމަށް ފަހު، އެކަން ކުލަގަދަކޮށް ފާހަގަކުރަން މިރޭ ބާއްވަން އުޅުނު ރަސްމިއްޔާތު ކުއްލި ގޮތަކަށް ކެންސަލްކޮށްފިއެވެ. ރައީސުލްޖުމްހޫރިއްޔާ އާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާ ގޮތަށް ހުޅުމާލެ ރުއްގަނޑު ތިނެއްގައި ބާއްވަން ތާވަލުކުރި މި ރަސްމިއްޔާތު، އާދީއްތަ ދުވަހުގެ ރެއަށް ފަސްކުރީ މިއަދު ހަވީރުގެ ވަގުތެއްގައެވެ. ނަމަވެސް މި ރަސްމިއްޔާތު ކެންސަލް ކުރަން ޖެހުނު ސީދާ ސަބަބެއް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.
ހިޔާގެ 16 ޓަވަރެއްގައި 32 ލިފްޓު ހަރުކުރުމަށް ޗައިނާގެ ކުންފުންޏަކާ 18 މިލިއަން ޑޮލަރު (278 މިލިއަން ރުފިޔާ) އަށް ހަވާލުކުރީ ފެބްރުއަރީ 12، 2024 ގައެވެ. މި މަސައްކަތް ނިންމަން އެކި ފަހަރުމަތިން ތާރީޚުތައް ދީ، އެ މުއްދަތުތައް ފަހަނަޅައި ގޮސްފައިވާއިރު، މި މަޝްރޫއުގެ އަގު އާދަޔާ ހިލާފަށް ބޮޑުކަމުގެ ކަންބޮޑުވުން ވަނީ ބޮޑުވެފައެވެ. ސިނާއީ ދާއިރާގެ ފަރާތްތަކުން މައުލޫމާތު ދޭ ގޮތުގައި، ސްޓްރަކްޗާއާއެކު ލިފްޓުތައް ހަރުކުރުމަށް ހިނގާނެ ކަމަށް ލަފާކުރެވޭ ހަރަދަކީ ގިނަވެގެން 80 މިލިއަނާއި 160 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދެކެވެ. އެހެންކަމުން، ސަރުކާރުން މި މަޝްރޫއަށް 278 މިލިއަން ރުފިޔާ ހަރަދުކުރީ ބާޒާރުގެ އަގަށްވުރެ މާ ބޮޑުކޮށްކަން ފާހަގަކުރެވެއެވެ.
މި މަޝްރޫއަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރިއަށް ގެންދިޔަ މަޝްރޫއަކަށް ވީނަމަވެސް، މަސައްކަތް ލަސްވުމާއި، މަޝްރޫއުގެ ހަރަދުތަކާ މެދު އުފެދިފައިވާ ސުވާލުތަކުގެ ސަބަބުން ސަރުކާރަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ. ރައްޔިތުންގެ ޓެކްސް ފައިސާއިން މިހާ ބޮޑު ހަރަދެއް ކުރާއިރު، މިފަދަ މަޝްރޫއުތަކުގެ ދެފުށް ފެންނަ ގޮތެއްގައި ނޫނީ ކުރިއަށް ނުގެންދާ ކަމުގެ ޝަކުވާތައް ވަނީ އިތުރުވެފައެވެ.
ޚިޔާލު
ޚިޔާލުތައް
ލޯޑުވަނީ...