ރައީސް މުއިއްޒަކީ "ފައްކާ ހިޔަޅެއް"؛ ގައުމިއްޔަތުގެ ވާހަކަ ދެއްކެވިޔަސް ތަރިކަތައް ހަލާކުވަނީ: ބޮންޑާ

ރާއްޖޭގެ ތާރީޚީ ބިނާތަކާއި ގައުމީ ތަރިކަތައް ރައްކާތެރިކުރުމުގައި މި ސަރުކާރުން އިހުމާލުވަމުންދާ ކަމަށާއި، ގައުމިއްޔަތުގެ ވާހަކަ ދެއްކެވި ނަމަވެސް ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ކިބައިގައި އެ ސިފަ ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑާ) ވިދާޅުވެއްޖެ އެވެ. މީޑިއާއަކަށް މައުލޫމާތު ދެމުން ބޮންޑާ ވިދާޅުވީ، ކަޅުއޮށްފުންމި އާއި ކަޅުވަކަރަ މިސްކިތް ފަދަ ގައުމީ ތަރިކަތައް ވީރާނާވަމުންދާއިރު، އެ ތަންތަން މަރާމާތު ކުރުމަށް ސަރުކާރުން އެއްވެސް މަސައްކަތެއް ނުކުރާ ކަމަށެވެ.
މާލޭ ހުކުރު މިސްކިތުގެ މުންނާރު މަރާމާތު ނުކުރެވި ވަނީ ފެންވަރު ރަނގަޅު އުވަ ނުލިބޭތީ ކަމަށް ސަރުކާރުގެ ތަރުޖަމާނު ވިދާޅުވެފައިވާ ވާހަކައަށް ރައްދު ދެއްވަމުން ބޮންޑާ ވިދާޅުވީ، އެއީ ބަލައިގަނެވޭނެ އުޒުރެއް ނޫން ކަމަށެވެ. އަދި އުވަދަވާ ކުންފުންޏެއް އުފައްދައި ބޯޑުތައް ހަދައިގެން މިފަދަ ކަންކަން ކުރަން އުޅުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށާއި، ރައީސް މުއިއްޒުގެ އަމަލުތައް ހުރި ގޮތުން އެމަނިކުފާނަކީ "ފައްކާ ހިޔަޅެއް" ކަމަށް އޭނާ ސިފަކުރެއްވި އެވެ. އަދި ރައީސްގެ އަމަލުތަކުގެ ސަބަބުން މިހާރު އެމަނިކުފާނަށް އިހުތިރާމް ކުރާނެ މީހަކު ނެތް ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.
ޔުނެސްކޯގެ ވަރލްޑް ހެރިޓޭޖް ލިސްޓުގައި ހިމެނޭ ހުކުރު މިސްކިތަކީ 1153 ވަނަ އަހަރު ބިނާކުރި ދިވެހިންގެ އެންމެ މުހިންމު ތާރީޚީ ބިނާ އެވެ. މީގެ ކުރިން އައި ސަރުކާރުތަކުގައި އެކި ފަހަރު މަތިން މުންނާރުގައި އުވަލައި އާބާތުރަ ފިލުވުމުގެ މަސައްކަތް ކޮށްފައިވީ ނަމަވެސް، މި ސަރުކާރުގެ ދަށުން އެ ތަންތަން ބެލެހެއްޓުމުގައި ބޮޑެތި އިހުމާލުތަކެއް ވަމުންދާ ކަމަށް ގިނަ ބަޔަކު ފާޑުކިޔަމުންދެ އެވެ.
ޚިޔާލު
ޚިޔާލުތައް
ލޯޑުވަނީ...